ޚަބަރު

ޑީސަލް ވިއްކާ އަގު ބޮޑު ކުރީ އެއްނޫން، ކޮވިޑް ޑިސްކައުންޓު ކަނޑާލައި ކުރީގެ އަގަށް ވިއްކަން ފެށީ: އެފްއެސްއެމް

މަރިޔަމް ޝަހުދާ

ޑީސަލް ވިއްކާ އަގު ބޮޑު ނުކުރާ ކަމަށާއި ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ވިޔަފާރިތަކަށް ދެމުން އައި ކޭޝް ޑިސްކައުންޓު ކަނޑާލައި ކުރީގެ އަގަށް ޑީސަލް ވިއްކަން ފެށީ ކަމުގައި އެފްއެސްއެމް އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ޕެޓްރޯލް އަދި ޑީސަލް ވިއްކުމުގައި ކޭޝް ޑިސްކައުންޓެއް ދޭން ފެށި ކަމަށެވެ. އަދި ސަރުކާރުން އާންމު ހާލަތަށް ބަދަލުވާން ފެށުމާ ގުޅިގެން ކޮވިޑާއި ގުޅިގެން ދެމުން އައި ޑިސްކައުންޓު ކަނޑާލީ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޑީސަލް ލީޓަރެއްގެ އަގު ޑިސްކައުންޓު އަގުގެ ގޮތުގައި 95 ލާރި ކުޑަ ކުރި ކަމަށެވެ. އަދި ޕެޓްރޯލްގެ އަގު ޑިސްކައުންޓު އަގުގެ ގޮތުގައި ކުޑަ ކުރީ 37 ލާރި ކަމަށެވެ. މިހާރު ޑިސްކައުންޓު ކަނޑާލި ނަމަވެސް އަދިވެސް ޕެޓްރޯލް ވިއްކާނީ ކޮވިޑް ޑިސްކައުންޓުގެ އަގުގައި ކަމަށް ސައީދު ވިދާޅުވިއެވެ. އެއީ ޕެޓްރޯލުގެ އަގު ހެޔޮވެފައި ވުމުން ކަމަށް ސައީދު ވިދާޅުވިއެވެ.

ޑީސަލްގެ އަގުވެސް ކޮވިޑް ޑިސްކައުންޓު ދިނުމުގެ ކުރިން ވިއްކި އަގަށް ވުރެ މިހާރު ވިއްކާ އަގު ކުޑަ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޑިސްކައުންޓު ކަނޑައިލުމުން ޑިސްކައުންޓާއެކު ޑީސަލް ލީޓަރު ވިއްކި އަގަށް ވުރެ މިހާރު ޑީސަލް ވިއްކާ އަގު 71 ލާރި ބޮޑުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މިއީ ޑީސަލް ވިއްކާ އަގު ބޮޑުކުރުން ނޫން ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

އެފްއެސްއެމް އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ސޯޝިއަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޑީސަލްގެ އަގު ބޮޑުކޮށްފި ކަމަށް ބުނެފަ އެވެ.