ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފޯރަމެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މި ފޯރަމަކީ ބެލެނިވެރީންގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މި ފޯރަމްގައި، ދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުމުގެ ޕައިލެޓް ޕްރޮގްރާމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މިކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރ ވާ އާދިއްތަ ދުވަހުގެ ރޭގަނޑު އަމީނިއްޔާ ސްކޫލްގައެވެ.
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މި ވައުދުގެ ދަށުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް 25 ސްކޫލެއްގައި ފެށުމުގެ މަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.