ފޮރިން މިނިސްޓްރީ

ރައީސް ސޯލިހުގެ ތަރައްގީގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެހީވާނެ ކަމަށް ޖަޕާނުން ބުނެފި

ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން އެހީވެދޭނެކަމުގެ ޔަގީންކަން ޖަޕާނު ސަރުކާރުން ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ޔަގީންކަން ދީފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް، ހިޒް އެކްސެލަންސީ ތާރޯ އާސޯ އާއެކު މިއަދު ޓޯކިއޯގައި ބޭއްވި ބައްދަލުވުމުގައެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް ފިނޭންސްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ޖަޕާނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ އެ ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލާއި ޓޯކިއޯގައި ހުންނަ ދިވެހި އެމްބަސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.