ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ސުވާލެއް ކުރުމުން ހައިވޭއަށް މީހުން ބާލާފައި ޑްރައިވަރު ދިޔަ ދަށު ދަރަޖައިގެ އަމަލު ބަލައި ފިޔަވަޅު އަޅާނަން: ނަހުލާ

1

ހުޅުލެއިން މާލެއަށް ދަތުރުކުރި ޓެކްސީއަކުން އިތުރަށް ފައިސާ ނަގާތީ ސުވާލުކުރުމުން ހައިވޭއަށް މީހުން ބާލާފައި ޑްރައިވަރު ދިއުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީ "އެނގިދާނެތާ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެކަހަލަ ކަމެއް ވެއްޖެއްޔާ އެކަމެއް ވީގޮތެއް ބަލައި އެކަން ހުއްޓުވަން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން ކުރިއަށް އޮތްތާނގައި މިކަހަލަ ހިތާމަވެރި ދެރަ ހާދިސާއެއް އެއްވެސް ބޭފުޅަކަށް ދިމާނުވާނެ ކަމަށް. އެކަހަލަ ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެން އެކަން ވީގޮތް ބަލާފައި އެކަން ހުއްޓުވަން ކުރެވޭނެ ހުރިހާ ކަމެއް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އެއްވެސް ރައްޔިތަކަށް އެފަދަ ކަމެއް ދިމާވެގެން ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވާނަމަ އެ ޓެކްސީ ކޮބައިތޯ ބަލައި ނުވަތަ ޑްރައިވަރު ކޮބައިތޯ ބަލާފައި އެކަމެއް ހިނގައިދިޔަ ގޮތުގެ ތަފްސީލް ހޯދައި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑުވެސް މިއަދު ތި ހަބަރު ވަރަށް ހައިރާންކަމާއެކު އަޑުއެހިން. ވަރަށް ދެރަ، ހިތާމަވެރި ކަމެއް މިއީ ހަގީގަތުގައި ފަސިންޖަރެއް ޓެކްސީއެއްގައި ދުއްވާފައި ގޮސް ލާރި ކިހާވަރެއްތޯ އެހުމުން ގަވާއިދާ ހިލާފަށް ފައިސާ ނަގާތީ އެސުވާލު ކުރެވުނު ކަމުގައި ވިޔަސް ވެސް ބާލާފައި ދިޔަ ދިއުން އެއީ އަޅުގަނޑު ދަންނަވާނީ ވަރަށް ދަށު ދަރަޖައިގެ އަމަލެކޭ،" އޭނާ ވިދާޅުވިއެވެ.

އިއްޔެ ހިނގައިދިޔަ އެ ހާދިސާ ދިމާވެފައިވަނީ ''ވަންއޮންލައިން''ގެ ނޫސްވެރިއަކަށެވެ. ނޫސްވެރިޔާ އެ ހާދިސާ ކިޔައިދެމުން ބުނީ އިއްޔެ މެންދުރު 1:45 ގައި ހުޅުލޭ އެއާޕޯޓު ސަރަހައްދުން އެ ނޫސްވެރިޔާ އާއި އޭނާގެ ދަރިއަކު ޓެކްސީއަކަށް އެރުމަށްފަހު ދުއްވާފައި ގޮސް، ހައިވޭއާ ކައިރިވީ ފަހުން ދަތުރެއް ކޮށްދެނީ ކިހާވަރަކަށްތޯ ސުވާލުކުރި ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ހުޅުލެއިން މާލެއަށް ދަތުރެއް ކޮށްދެނީ 100 ރުފިޔާއަށް ކަމަށް ޑްރައިވަރު ބުނުމުން އެއީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަދަދެއް ކަމަށް ނޫސްވެރިޔާ ބުނުމާއެކު ހަމަ މިހާރު ޓެކްސީން ފައިބަން އެންގި ކަމަށް ބުންޏެވެ.

މިއަމަލު ހިންގާފައިވަނީ 4721 ނަމްބަރު ޓެކްސީ ޑްރައިވަރެވެ. މިއީ 1414 ގެ ޓެކްސީ ޑްރައިވަރެއް ކަމަށް އެ ސެންޓަރުން ވަން އޮންލައިނަށް ކަށަވަރުކޮށްދިނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟