މުހައްމަދު އައުޒަމް
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް 21 ޒުވާނުން ގްރެޖުއޭޓް ވެއްޖެއެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހުޅުމާލެ ޝުވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މޯލްޑިވްސް އިންސްޓިޓިއުޝަން އޮފް ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވިއެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިއަހަރު ތިން ދާއިރާއަކުން ސެޓްފިކެޓް ލެވެލް ތިނެއްގެ ލެވެލްއަށް ކުދިން ތަމްރީނު ކުރެވިގެން ދިޔައެވެ. ބިލްޑިންގ މެއިންތެނެންސް، ކޮންސްޓްރަކްޝަން އަދި ސާވޭއިން ދާއިރާއިން ކުދިންނަށް ވަނީ ތަމްރީން ދެވިފައެވެ.
މިއަހަރުގެ ޕްރޮގްރާމްގައި 18 ޒުވާނުން ބައިވެރިވިއެވެ. އޭގެ ތެރެއިން 15 ބައިވެރިން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ. އަދި މިއަހަރުގެ ޕްރޮގްރާމްގައި އެޗްޑީސީގެ ހަ މުވައްޒަފުންވެސް ވަނީ ބައިވެރިވެ ގްރެޖުއޭޓް ވެފައެވެ.
މިއީ އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ބޭއްވި ދެވަނަ ފަހަރެވެ. އެޗްޑީސީގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ބާއްވައި ޒުވާނުންގެ ހުނަރު ބޭނުންކޮށްގެން ގައުމަށް ހިދުމަތް ކުރާނެ ބަޔަކު ބިނާކުރުމެވެ.