ފާސްނުވެ ހުރި މުހިންމު ބިލުތައް ފާސްކުރުމަށް ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްފިއެވެ.
ކޯލިޝަންގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވޭތީ ބެލުމަށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ދެން އަޅުގަނޑުމެން މެމްބަރުންނާ މަޝްވަރާކުރަން ޖެހޭނީ. މެމްބަރުން މިވަގުތު އެތިއްބެވީ ޗުއްޓީގައި. ގުޅާފައި، އެބޭފުޅުންނާ މަޝްވަރާކޮށްފައި، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ އެކީގައި އެ މަޝްވަރާތައް ކުރިއަށްގެންގޮސް، ޖެނުއަރީ މަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭތޯ މި މަސައްކަތްކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ ރައީސް ސޯލިހުގެ ލެޖިސްލޭޓިވް އެޖެންޑާގެ ނުކުރެވި ހުރި ވަރަށް މުހިންމު ކަންތައްތަކެއް ހުރީމާ އެކަން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހުގެ ލެޖިސްލޭޓިވް އެޖެންޑާގެ އެއްބައި ފެށިފައި، އެއްބައި ކަންތައް ކުރެވިފައި އަދި ނުކުރެވި ހުރި ވަރަށް މުހިންމު ކަންތައްތަކެއް ހުރީމާ އެކަން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު. އޭގެ ތެރޭގައި އެ ވިދާޅުވިހެން ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކޮށް، އެ ޖަލްސާތަކުން ގޮތެއް ނިންމުން، ގާނޫނުތަކާ ބެހޭގޮތުން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް ފެންނަ ކަމަށާއި ނުނިމި ހުރި މުހިންމު މަސައްކަތްތައް ބާރަށް ގެންދިއުމަށް ހުރިހާ ޕާޓީތަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
"ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް އެބަފެނޭ. ހާއްސަގޮތެއްގައި މަރުތައް ތަހުގީގުކުރުމުގެ ކަންތައް ވަކި ކޮޅެއްގައި ނުޖެހި މަޖިލިސް ޗުއްޓީއަށް ދާން ޖެހުން، އަދި ކޮރަޕްޝަންގެ ކަންތައްތައް ވެސް ތަހުގީގު ނުކުރެވި މަޖިލިސް ޗުއްޓީއަށް ދާން ޖެހުން. ހަމައެއާއެކީގައި އަދިވެސް އެހެން ހުރި އިތުރު ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތް އެބަހުރި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގައި މަސައްކަތްކުރަނީ ގާނޫނު އަސާސީއާއި ގާނޫނާއި މަޖިލީހުގައި އޮންނަ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި އެންމެ ފަހު ދުވަހު ވެސް މަޖިލިސް އިތުރަށް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުންނާ ވެސް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ ގާނޫނު އަސާސީއާއި ގާނޫނާއި މަޖިލީހުގައި އޮންނަ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން. އޭގެން ބޭރުން މަސައްކަތްކުރާކަށް އަޅުގަނޑުމެން ވެސް އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވެސް ނުރުހޭނެ. ޑިސެމްބަރު މަހުގެ އެއްވަނަ ދުވަސް އެއީ މަޖިލިސް ގަވާއިދުގައި އޮންނަ ގޮތުން ނިމޭ ދުވަސް. އެގޮތަށް ދިޔައިރު ޑިސެމްބަރު އެކެއްގައި ނުނިންމީ އޭރު މައްސަލަތަކެއް ހުރީތީ،" ގާސިމް ވިދާޅުވިއެވެ.