ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ގޮތެއް ނިނިންމި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަންގެ ލީޑަރުން ބޭއްވި ބައްދަލުކުރެވުން ނިންމާލައިފިއެވެ.
ކޯލިޝަންގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އޭގެ ވާހަކަތައް އަދި ފެށުނީ ކަމަށާއި މިއަދު އެކަމުގެ ނިންމުމަކަށް އަދި ނާދެވޭ ކަމަށެވެ.
"އެހެންނަމަވެސް ކުރިއެރުންތައް އެބަހުރި. އަދި އިތުރު ބައްދަލުވުންތައް އެކަމުގައި ކުރިއަށްދާނެ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަވަހަށް މީގަ ގޮތެއް ހޯދަން. އެންމެން އެއްބަސްވާ ގޮތަކަށް މިކަންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމަށް އެކި ޕާޓީތަކުން މަސައްކަތްކުރަމުންދަނީ އެކި ގޮތަށް ކަމަށާއި ނިންމުމަކަށް ގެންދާނީ ހުރިހާ ޕާޓީތަކަށް އެ ޕާޓީއެއްގެ އެ އޮންނަ ގަވާއިދާ އުސޫލުގެ ތެރެއިން މަސައްކަތްކުރެވޭނެ ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.