ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ދެ ބިލަކާއި އިތުރު ހަތަރު ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ދެ ބިލަކާއި އިތުރު ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މިގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅިގެން ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވި ދެ ބިލުގެ ތެރެއިން އެއް ބިލަކީ 11 ޑިސެމްބަރު 2018 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރި "ޤާނޫނު ނަންބަރު 79/31، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ".

އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން އާންމުކޮށް ޝާއިއުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

މިއަދު ތަސްދީގު ކުރެއްވި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާ ގުޅޭ އަނެއް ބިލަކީ 12 ޑިސެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރި "ޤާނޫނު ނަންބަރު 79/31، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ".

އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގައި މަސްވެރިކަންކުރާ މަސްދޯނި ފަހަރުގައި ބޭނުންކުރާ ޑީސެލުންނާއި އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސެލުން ނަގާ އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

އޭގެ އިތުރުން ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވި އެހެން ބިލްތަކަކީ 12 ޑިސެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރި "ޤާނޫނު ނަންބަރު 99/2، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލާއި"، "ޤާނޫނު ނަންބަރު 2013/14، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލާއި"، "ޤާނޫނު ނަންބަރު 96/10، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލާއި"، "ޤާނޫނު ނަންބަރު 2011/9، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ".