މާލޭ ސަރަހައްދުގައި ހިމެނޭ އިމާރާތްތްކުރުމުގެ ސައިޓުތަކުގެ ތެރެއިން 163 ސައިޓެއްގައި މައްސަލަ އެބަހުރި ކަމަށާއި އޭގެ ތެރެއިން 17 ތަނެއްގެ މަސަކަތް ވަގުތީގޮތުން ހުއްޓައިލުމަށް އަންގާފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިން ބުނެފި އެވެ.
ޕްލޭނިންގް އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަންވަރު އަލީ ވިދާޅުވީ މައްސަލަތައް ހުރި 163 ސައިޓުގެ ތެރެއިން 69 ސައިޓަކީ މާލޭގެ ސައިޓުތައް ކަމަށާއި 15 ސައިޓަކީ ވިލިމާލޭ އަދި 79 ސައިޓަކީ ހުޅުމާލޭ ސައިޓުތައް ކަމަށެވެ.
މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ 17 ތަނުގެ ތެރޭގައި މާލޭގެ ތިން ސައިޓާއި ވިލިމާލޭގެ ތިން ސައިޓު އަދި ހުޅުމާލޭގެ 12 ސައިޓެއް ހިމެނޭ ކަމަށް އަންވަރު ވިދާޅުވިއެވެ.
ސައިޓުތަކުގެ އިންސްޕެކްޝަން މިހާރު ކުރިއަށް ގެންދާއިރު ޖުމްލަ 460 ސައިޓެއް ބަލަން ޖެހޭ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް 237 ސައިޓެއް ވަނީ ބަލާފައިވާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
މިއަދު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދަނީ އެ މިނިސްޓްރީ އާއި ސިޓީ ކައުންސިލްގެ އިތުރުން ދައުލަތުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކަމަށެވެ.