މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގެ ފޮރިން މިނިސްޓަރ މރ. ތާރޯ ކޯނޯއާ ބައްދަލު ކުރައްވައި ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށްފިއެވެ.
ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރުމުގެ އިތުރުން ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްގީއާއި މަސްވެރިކަމާއި ތިމާވެށްޓާއި ތަޢުލީމީ ދާއިރާ ތަރައްގީކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޖަޕާނުން ވެދެއްވާފައިވާ އެހީ ފާހަގަކޮށް މިނިސްޓަރ ވަނީ ޖަޕާނުގެ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
މި ބައްދަލުވުމުގައި ޖަޕާނުގެ ފޮރިން މިނިސްޓަރ މރ. ތާރޯ ކޯނޯ ވަނީ ޖަޕާނާ ރާއްޖޭގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ޖަޕާނު ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ޑިސެމްބަރ 24ގެ ނިޔަލަށް ޖަޕާނަށް މިނިސްޓަރ ޝާހިދު ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.