ޚަބަރު

ސަންގެ ދެ ކުންފުންޏަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތައް ދޮގުކޮށްފި

މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ކުރާ ތުހުމަތުތައް އެ ދެކުންފުނިން ދޮގޮކޮށްފިއެވެ.

އެކުންފުނިތަކުން މިހެން ބުނެފައި މިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ޓޫރިސްޓު ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ބަޔަކު ނެގި ފައިސާ، އެކުންފުނިތަކުން ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް އެކުންފުނިތަކުގެ މައްޗަށް މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވުމާ ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައި ކަމަށެވެ.

އެ ދެ ކުންފުނިން ބުނީ އެކަމުގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި އެއްޗެއް ހޯދައި ބަދަލުކުރިކަމެއް އެ ކުންފުނިތަކަށް އެނގިފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ކަމެއްގައި އެ ކުންފުނިތަކުން ބައިވެރިވެފައި ނުވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށެއް ކުރިކަމަށް ބުނެ އެ ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ، އެކުންފުނިތަކުގެ އެންމެހައި މުއާމަލާތްތައް އަބަދުވެސް ހިންގަނީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން، ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން އެކުންފުނިތަކަކީ ޖިނާއީ ކުށެއްގައި ޝާމިލުވެ އުޅެފައިވާ ކުންފުނިތަކެއް ނޫން ކަމަށާއި ޖިނާއީ ކުށެއް ސާބިތުކުރެވޭ ވަރަށް ހެއްކެއްވެސް ތަހުގީގަށް ނުހޯދޭނެ ކަމަށް އެކުންފުނިތަކުން ބުނެއެވެ.

އެ ދެ ކުންފުނިން ބުނީ ދިވެހިރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތަކާއި ދައުވާތައް ކުށުގެ އަސްލު މޭސްތިރިންނާއި ކުށުން މަންފާ ހޯދި ފަރާތްތަކުގެ ކިބައިން މާ ބޮޑުތަނުން ދުރަށް ފުރޮޅާލެވިގެންދާކަމީ އެ ކުންފުނިތަކުން އިންތިހާއަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 (ތިރީސް އަށް މިލިއަން ތިން ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިން ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ އަށްޑިހަ ފަސް) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.