ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތުވާ ދެމީހުން މިހާރުން މިހާރަށް ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކަންކޮށްފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ދެ ފިރިހެނުންގެ މައްސަލަ ނުބަލައި އޮއްބާލުމަށް މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ބާރު ހުރި ފަރާތްތަކެއްގެ ނުފޫޒުން ކަމަށް މައުލޫމާތު ލިބިފައިވާތީ، އެ މައްސަލަ އޮއްބާލުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"މި އަންހެން މީހާ ރޭޕް ކުރުމުގައި ބައިވެރިވި ފަރާތްތަކުގެ ވަނަވަރު އާންމުކޮށް ހާމަކުރުމަށާއި، އެ ފަރާތްތައް މިހާރުން މިހާރަށް ހައްޔަރުކޮށް ތަހުގީގާއި ޝަރީއަތް އަވަސްކުރުމަށްވެސް ގޮވާލަން،" ބަޔާނުގައިވެއެވެ.
ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެން މީހާއަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވުމާއި އޭނާއަށް ދޭންޖެހޭ ފަރުވާގެ އިތުރުން އޭނާއަށް ކުރިމަތިވެފައިވާ ނަފުސާނީ މައްސަލަތަކުން އަރައިގަތުމުގައިވެސް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ދީފައި ނުވުމަކީވެސް އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.
ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ލިބެންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކުގެ މައްސަލަ ހުށަހެޅި ތަހުގީގުކޮށް ޝަރީއަތް ހިންގަމުން އަންނަ ދުވަސްވަރު މުޖުތަމައަށް ދޫވެފައި ތިބުމަކީ އެމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތްތައް އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
"އެހެންކަމުން އެފަދަ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރެވި މައްސަލަ ކުރިއަށްދާ މުއްދަތުގައި އެފަރާތްތައް މުޖުތަމައު ތެރެއަށް ދޫނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން. އަދި ރޭޕްގެ ޝިކާރައަކަށްވި ބިދޭސީ އަންހެން މީހާއަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް ފަރުވާދިނުން އަވަސްކޮށް، އޭނާއަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ވެސް ގޮވާލަން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ މިފަދަ ލާއިންސާނީ، އަނިޔާވެރި އަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫން ކަމަށެވެ. އަދި ފަހަކަށް އައިސް ރާއްޖޭގައި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތައް ގިނަވަނީ އެފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުން ފަރުވާކުޑަކޮށް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާނުކުރާތީ ކަމަށްވެސް ބަޔާނުގައިވެއެވެ.