މާލެ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޖަލުން ނެގި ހުރިހާ ސާމްޕަލެއް ބައްޔަށް ނެގަޓިވްވެއްޖެއެވެ.
މާލެ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ އޮފިސަރު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، މާލެ ޖަލުން ވަނީ ސާމްޕަލް ނަގައިފައެވެ.
ކޮވިޑަށް ޓެސްޓުކުރުމަށް މާލެ ޖަލުން ވަނީ 101 މީހެއްގެ ސާމްޕަލް ނަގައިފައެވެ. އެ އެންމެންވެސް ކޮވިޑަށް ނެގަޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ.
މާލެ ޖަލުން ސާމްޕަލް ނެގި 101 މީހުންގެ ތެރޭގައި ހިމެނެނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ގައިދީންނާއި ބަންދު މީހުންގެ އިތުރުން ހަތް ވެއިޓަރުންނެވެ.
މާލެ ޖަލުގައި ކޮވިޑު ފެތުރިފައިވޭތޯ ބެލުމަށް މީގެ ކުރިން ނެގި ރެންޑަމް ސާމްޕަލްތައް ވެސް ވަނީ ނެގަޓިވްވެފައެވެ.