މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އެފްއޭއެމްގެ މައްސަލަ ބަލާތީ އޭއެފްސީން މިނިސްޓްރީއަށް އިންޒާރުދިން ކަމަށް ބުނާ ވާހަކަ މިނިސްޓަރު އަހުމަދު މަހްލޫފް ދޮގުކުރައްވައިފިއެވެ.
މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭއެފްސީން މިނިސްޓްރީއަށް އިންޒާރެއް ނުދޭ ކަމަށެވެ. މަހްލޫފް ވިދާޅުވި ގޮތުގައި މިނިސްޓްރީން އެފްއޭއެމްގެ ތެރެއަށް ނުވަންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމަށް ވާނީ އަންގާފައެވެ. އަދި މިނިސްޓްރީގެ ފެކްޓް ފައިންޑިންގް ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދު ކުރި ފައިސާއަށް ވީގޮތް ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރަށް މަހުލޫފް ވިދާޅުވީ އޭނާއަކީ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އޭއެފްސީ އާއި ފީފާއިން ފިޔިވަޅެއް ވެސް ނާޅާނެ ކަމަށް މަހުލޫފް ވިދާޅުވެފައި ވެއެވެ.