ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމީ ރޭޕް ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭ ކަމަކަށް ނުވާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މާދަމާ ބާއްވަން ނިންމާފައިވާ ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެ މައްސަަލަ ބަލަން އެޖެންޑާ ކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 ގައި އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށެވެ.
އެކަމާ ގުޅިގެން އިވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަފާރީގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބަލާނެ ކަމަށެވެ.
"ކޮމިޓީން އެ މައްސަލަ ބަލަނީ ރޭޕް ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމަކަށް ނުވާތީ،" އީވާ ވިދާޅުވިއެވެ.
އިންސާފުވެރިކަން ގާއިމުކޮށް ރޭޕް ވިކްޓިމްއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މި މައްސަލަ ނޭޝަނަަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން ގެންދޭތޯ ބެލުމަށް، މާދަމާ އެކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރަންވެސް ވަނީ ނިންމައިފައެވެ.
ފުލުހުން އަމަލު ކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަަވަރުކުރުމަށް އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވަނީ ހުށަހަޅައިފައެވެ. އަދި ސާފާރީގައި ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބައި ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.
އެގޮތުން އެ ސަރަހައްދުގައި އެމީހުން ތިއްބައި ފުލުހުން ގޮސް މައުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށެވެ. އަދި އެމީހުން ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށް އޭނާ މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އަނިޔާ ލިބުނު މީހާ ހުކުރު ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ނުފެންނާތީ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.