ޚަބަރު

ރޭޕްކުރި ކަމަށް ބުނާ މީހުން ދޫކޮށްލުމަކީ އެފަދަ އަމަލުތައް ތަކުރާރުވުމަށް މަގުފަހިވާނެ ކަމެއް: އެމްއާރުއެމް

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ހައްޔަރުކުރި ކަމަށް ބުނާ ދެމީހުން ދޫކޮށްލުމަކީ އެފަދަ އަމަލުތައް ތަކުރާރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެމްއާރުއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ އަނިޔާކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާކަމީ ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށެވެ.

އެގޮތުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ހައްޔަރުކުރި ކަމަށް ބުނާ ދެމީހުން ދޫކޮށްލުމުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާން ޖެހި ނަފުސާނީ ގޮތުން އިތުރު އަނިޔާ ލިބުމަށް މަގުފަހި ވެގެންދާނެ ކަމެއް ކަމަށް އެމްއާރުއެމް އިން ބުންޏެވެ.

މިކަންކަމަކީ މިހާރު އާންމުވަމުންދާ ކަމެއް ކަމަށާއި އެހެންކަމުން މިބާވަތުގެ ލާއިންސާނީ އަދި ނާތަހުޒީބީ އަމަލުތަށް ދިވެހި މުޖުތަމައުން ނައްތާލުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމު ދަމަހައްޓަން ހަވާލުކޮށްފައިވާ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީ ބޯޓެއްގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުށުގެ ވެށިން ހައްޔަރުކުރިކަމަށް ބުނެވޭ ދެ ފިރިހެނުން ފުލުހުން ގެންދިއުމަށްފަހު ދޫކޮށްލުން އެއީ މިބާވަތުގެ ކުށުގެ އަމަލުތައް ތަކުރާރުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން،" ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަނިޔާގެ ކަންކަމުގެ ފަރުވާއަކަށް ވާނީ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުން ކަމަށެވެ. އެހެން ކަމުން އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނު ތަންފީޒު ކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް ވަނީ ގޮވާލާފައެވެ.

"ބެލެން އޮތް އެންމެ ފުރިހަމައަށް އަދި އަވަހަށް މައްސަލަ ބަލައި އަދުލުވެރިކަމާއެކު ތަހުގީގު ކުރުމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ އެކުށް ނުކުރާ މީހަކު ނަމަ އެމީހަކަށް އިންސާފު ހޯދައިދިނުމަށްވެސް އޮތް އެންމެ ރަނގަޅު މަގު،" ބަޔާނުގައިވެއެވެ.

އެމްއާރުއެމް އިން ވަނީ މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި މީހާއަށް އިންސާފު ހޯދައިދިނުމަށް ފުލުހުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލައިފައެވެ. އަދި މި ލާއިންސާނީ އަމަލު ހިންގި ކަމަށް ބެލެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އަނިޔާ ލިބުނު މީހާގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލަށްވެސް ވަނީ ގޮވާލައިފައެވެ.