ޚަބަރު

ޝިދާތާގެ އުދާސްތައް ކޮޅުންލައި ޖީހާނަށް ބަހުގެ ހޫނު ހަމަލާއެއް!

1

މިދިޔަ ހުކުރު ދުވަހުގެރޭ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައަށް ބަލާއިރުވެސް ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން ކަމަށް ވިދާޅުވެ، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އުދާސްތައް މިއަދު ބޭރުކޮށްލައްވައިފިއެވެ.

މިނިސްޓަރު ކަމުގެ މަގާމުގައި ޝިދާތާ ހުންނަވަނިކޮށ،ް ގއ. ކަނޑުހުޅުދޫގައި ހިނގި ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަ އާއި ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭއިރު ވެސް، އަހުމަދު ހިޝާނަށް ޑިސްއެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި މިނިސްޓްރީ ދޮށަށް އެތައް ބަޔަކު އެއްވެ ޝިދާތާގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ.

އެންމެ ފަހުން އެ މައްސަލަ ބޮޑުވެ ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިއެވެ. މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ އިސްތިއުފާދެއްވީ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމާފައި ވަނިކޮށް، ފެބްރުއަރީ ހަތެއްގައެވެ.

އެ ހާދިސާތަކަށް އިޝާރާތް ކުރައްވައި ޝިދާތާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު، ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތާ ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ދެފައި އެއްތާ ނުޖަހާ ކަމަށެވެ.

ފެބްރުއަރީ ފަސްވަނަ ދުވަހު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި އެފަދަ މައްސަލަތަކުގައި މެމްބަރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެންދިޔަ ކަމަށާއި އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ހިމެނޭ ޑިސްއެބިލިޓީ އެންބެސެޑަރުވެސް ދޫވެފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި އެފަދަ އެތައް މައްސަލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ، "އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާތަކުގައި މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ޝިދާތާގެ އިސްތިއުފާއާ އެކު ނިދިއްޖެ. ހެޔޮ ނިޔަތުގައި އެދުވަހުވެސް ތެދުވެ ތިބިނަމަ މިއަދުވެސް އެމަންޒަރު އެގޮތަށް ފެނުނީސް،" ކަމަށެވެ.

މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު "ފުނޑައިލަން" ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ ކަމަށާއި މިއަދުވެސް މި ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވާ އިރު، ސަފާރީގެ ރޭޕް ކޭސްއާ ގުޅިގެން ފުލުހުން ހައްޔަރު ކުރުމަށްފަހު 39 އަހަރުގެ ދެ ދިވެހިން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ އިއްޔެ ދޫކޮށްލީ، އެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބޭތިއްބުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށް ދޫކޮށްލި ދެ ފިރިހެނުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިމީހާ ހިމެނޭކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ދެމީހުންކަމުން ރޭޕްގެ މައްސަލަ ކުރިއަށް ނުދާ ކަމަށްވެސް ސޯޝަލް މީިޑީއާގައި މީހުން އަންނަނީ ބުނަމުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހާމަކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

ސާފާރީގައި ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟