ޚަބަރު

މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރެވޭނީ ޒިންމާދާރުކަމާއެކު މަސައްކަތްކޮށްގެން: ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާނުން ސަލާމަތް ކުރެވޭނީ ޒިންމާދާރުކަމާއެކު ޒަމާނާ ގުޅޭގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑަށް އަލަށް އެކުލަވާލި ޗެއާމަނާއި މެންބަރުންނާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ އަލަށް އެކުލަވާލެއްވި ބޯޑަކީ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރާނެ ބޯޑެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބޯޑުން ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، ރައްޔިތުން އެދޭ މިންވަރަށް މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ބައްޓަން ކުރަން ވާނީ މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކާމިޔާބީ ނެރެވޭނެ ގޮތަށް ކަމަށެވެ. އަދި ގައުމު އެދެނީ ދިވެހި މުޖުތަމައަކީ މަސްތުވާތަކެތިން ސަލާމަތްވެގެންވާ މުޖުތަމައަކަށް ހެދުމަށް ކަމަށާއި އަލަށް އެކުލަވާލި ބޯޑުގެ މަސައްކަތްތައް ވެސް އެގޮތަށް، އެމަގަށް ކުރިއަށްގެންދިއުމަށް އެދޭ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވިއެވެ.

"ގައުމުގެ ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާ، ބޯޑުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ވެސް ކަމާގުޅޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ޒިންމާދާރުކަމާއެކު އަދި ޒަމާނާ ގުޅޭގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކުރިއަށްގެންދިއުން މުހިންމު،" ނައިބު ރައީސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި އެންޑީއޭގެ މެންބަރުން ވިދާޅުވީ ނައިބު ރައީސް އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެ ކަމަށާއި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.