ޔަމަނުގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެމެޖެންސީ ރިލީފް ކެމްޕޭނެއް ފަށައިފިއެވެ.
އައިއޭސީން ބުނީ ކޮވިޑާ ގުޅިގެން އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވެ، ބޮއްސުންލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ޔަމަން އެމެޖެންސީ ރިލީފް ކެމްޕޭން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"ޔަމަނުގެ އަދުގެ ހާލަތުގެ ސަބަބުން މުޅި ދުނިޔޭގެ އެހީތެރިކަން ބޭނުންވެފައިވާ މިދަނޑިވަޅުގައި، މި އެމެޖެންސީ ރިލީފްގެ ޒަރިއްޔާއިން ދިވެހި ރައްޔިތުންނަށް ޔަމަނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ، ކާބޯތަކެތި ލިބުމުގެ ދަތިކަމުގެ ސަބަބުން، ބަނޑުހައި ހޫނުކަމާއި ކާބޯތަކެތީގެ ޒަރިއްޔާއިން ހަށިގަނޑަށް ލިބެންޖެހޭ ހަކަތަ އާއި ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައިވާ ދެ މިލިއަނާ ގާތްކުރާ ތުއްތު ކުދިން މިވަގުތުވެސް ޔަމަނުގައި އެބަތިބި،" އައިއޭސީން ބުނެއެވެ.
ކޮވިޑްގެ ކޭހެއް ރިޕޯޓް ކުރުމުގެ ކުރިންވެސް އެ ގައުމުން އަންނަނީ ޑެންގީ ހުމާއި މެލޭރިއާ އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން އަރައިގަތުމަށް ހަނގުރާމަކުރަމުން ކަމަށާއި އަދި ޔަމަނުގެ 24 މިލިއަނާއި ގާތްކުރާ އަދަދެއްގެ ރައްޔިތުން މިވަގުތުވެސް ބާރޯސާވަނީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެހީތެރިކަމަށް ކަމުގައި އައިއޭސީން ބުންޏެވެ.
"އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެއިޑަށް ބަރޯސާވާ ޔަމަނުގެ 80 އިންސަތަ ރައްޔިތުންގެ އިތުރުން، އިތުރު މިލިއަނެއްހާ ރައްޔިތުން ބަނޑުހައިހޫނު ކަމަށް ޖެހެމުންދާ ކަމަށް ދިރާސާތަކުން ދައްކާ،" އައިއޭސީން ބުނެއެވެ.
ޔަމަނުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް "އައިއޭސީ ޔަމަން އެކައުންޓް ?????????????" މެދުވެރިކޮށް ޑޮނޭޝަން ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަކަށް އެކި އެކި ޒަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި ކެމްޕޭނުގެ ޒަރިއްޔާއިން ޔަމަނުގެ ނިކަމެތި ރައްޔިތުން މި ދަނޑިވަޅުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.