މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާންގެ އެންވަރަމަންޓް މިނިސްޓަރ، ޔޮޝިއަކަ ހަރަދަ އާއި ބައްދަލު ކުރައްވައިފިއެވެ.
ޖަޕާންގެ ޓޯކިޔޯގައިވާ ޖަޕާންގެ އެންވަރަމްނަޓް މިނިސްޓްރީގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ތަކާމެދު މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތް ތަކަށް ޖަޕާނުން ވެދެއްވާ އެހީއަށް މިނިސްޓަރ ވަނީ ޖަޕާނުގެ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.
މި ބައްދަލުވުމުގައި ޖަޕާނުގެ ފަރާތުން ރާއްޖޭގެ ވޯޓަރ ސަޕްލައި މަސައްކަތާ، ފެނާއި ނަރުދަމާގެ ނިޒާމު އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރެވިދާނެ އައު މަސައްކަތް ތަކާއިމެދު ވަނީ ދެ މިނިސްޓަރުންގެ މެދުގައި މަޝްވަރާކުރެވިފައެވެ.
މިނިސްޓަރ ޝާހިދު އާއި އެކު މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ފައްޔާޒް އިސްމާއީލް އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޝަރީ އިބްރާހީމް އަމީރް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.