ޚަބަރު

"ކޮއްކޮމެންގެ ޓެލިކިލާސް"ގެ ގަޑިތަކަށް ބަދަލުގެނެސް، "ޓެލީއާއެކު ކޮއްކޮމެން"ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް

މަރިޔަމް ޝަހުދާ

''ކޮއްކޮމެންގެ ޓެލިކިލާސް'' ގެނެސްދޭ ގަޑިތަކަށް ބަދަލު ގެނައުމުގެ އިތުރުން ''ޓެލީއާއެކު ކޮއްކޮމެން''ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ''ޓެލީއާއެކު ކޮއްކޮމެން'' ޕްރޮގްރާމަކީ އެ މިނިސްޓްރީން ޔުނިސެފްގެ އެހީތެރިކަމާއެކު ގެނެސްދޭ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ ކުދިން ފުރަބަންދުގެ ހާލަތުގައި ގޭގައި ތިބޭއިރު، ކުދިންގެ ދުވަހުގެ ތެރޭ ސްކޫލް މާހައުލުގެ ތެރެއިން ދަރިވަރުން ދަސްކުރާ، ލިޔަން ކިއުމަށް ބޭނުންވާ ބައެއް މުހިއްމު ހުނަރާއި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރު ކުރާ ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.

އެގޮތުން މި ޕްރޮގްރާމުން ކުދިންނަށް މަންހަޖުގައި ހިމެނޭ ބައެއް އަގުތަކާއި ސިފަތަކުގެ އިތުރުން ކޮވިޑުން ރައްކާތެރި ކުރުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމަކީ 20 މިނެޓުގެ 15 އެޕިސޯޑު ހިމެނޭ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ އެޕިސޯޑެއްގައި ހަތަރު ސެގްމަންޓު ހިމެނޭއިރު، އެއީ ދެ މާއްދާ، ވެލިއުސް އަދި ކޮވިޑްގެ މައުލޫމާތު ހިމެނޭ ސެގްމަންޓުތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމު ދެއްކުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު 2:15 އިން 2:45 އަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ކުރިން ހަވީރު ދައްކަމުން އައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ''ކޮއްކޮމެންގެ ޓެލިކިލާސް'' ދައްކާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިހާރު ''ކޮއްކޮމެންގެ ޓެލިކިލާސް'' ދައްކާނީ މެންދުރުފަހު 2:15 އިން 3:15 އާ ދެމެދުގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި "ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑިތަކަށް ބަދަލު ގެނައީ މިހާރު އެ ގަޑިތައް، ފުރަބަންދުގެ ލުޔާއެކު ކުޑަކުދިން ބޭރަށް ނުކުތުމަށް ހަމަޖައްސާފައިވާ ގަޑިއާ ދިމާވާތީ، ދަރިވަރުން ބޭރަށް ނުކުމެލައި އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.