ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިޒަމްގެ ތުހުމަތުގައި ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ފާރިސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ އެއް ދުވަސް ކުރިންނެވެ.
އެ މައްސަލައިގައި ދައުލަތުން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނާންނަނީސް، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާތީ އާއި ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާގެ ބޭނުން ނެތުމުން ކަމަށެވެ.
ހުކުމުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހިފެހެއްޓޭނެ ހައްގުތައް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ލިބިގެންވާ ބާރެއް ކަމަށް ވާއިރު، ރައީސްގެ ގަރާރު ދެމި އޮއްވައި ވަކި ހައްގުތަކެއް ލިބޭނެ މުއައްސަސާތަކާއި ކޯޓުތަކުން އަމިއްލައަށް ނިންމުމުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.
ފާރިސްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކުރި ހުކުމުގައިވަނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ މާއްދާ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހުއްޓާލާފައި ވަނިކޮށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށާއި އެކަން ކުރީ ގާނޫނާ ހިލާފަށް ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ކްރިމިނަލް ކޯޓު އަމުރު ބާތިލު ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލްއެވެ.
ފާރިސް ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުން ފާރިސް ވަނީ އެކަމާމެދު ސުވާލު އުފައްދަވައިފައެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އޭނާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމަށެވެ. އެއީ ފާރިސް ހައްޔަރު ކުރެވުނުއިރު، ބަންދާ މެދު ކޯޓުން ގޮތެއް ނިންމަންޖެހޭ މާއްދާ ސަސްޕެންޑް ކޮށްފައިވާތީ ކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ތުހުމަތުގައި ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި އަހުމަދު އަރީފާއި މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް އޭރު ހައްޔަރުކޮށް، ދައުވާކުރިއެވެ.
ޝަހްސު އޮޅުވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައި، އަދިި ފޯނު ނުދެއްވި ކަމަށް ބުނެ މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ވެސް އޭރު ކްރިމިނަލް ކޯޓުން އިއްވިއެވެ. ފާރިސްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް 2017 ވަނަ އަހަރު އޭނާ ވަނީ ހައްޔަރުކޮށް، ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބަހައްޓައިފައެވެ.