ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލާއިރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުން އަމަލުކުރަންވީ ގޮތް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އާންމުކޮށްފިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ އާންމުކޮށްފައިވާ ސާކިއުލާގައި ބުނާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރެވޭނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުގައި ރަޖިސްޓާޑް ޓޫރިސްޓް ފެސިލިޓީއަކުން ހައްދާފައިވާ ރިޒަވޭޝަންއެއް އޮންނަން ޖެހޭނެއެވެ.
ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންވެސް ރާއްޖެ އަންނައިރު އޮންލައިން ހެލްތު ޑިކްލަރޭޝަން ފޯމު ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި އެ ފޯމު ފުރިހަމަ ކުރަންޖެހެނީ ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން ކަމަށްވެސް ސީއޭއޭގެ ސާކިއުލާގައިވެއެވެ.
ސާކިއުލާގައި ބުނާގޮތުން ރާއްޖެ އަންނަ އެއާލައިނުގައި ދަތުރުކުރާ ފަސިންޖަރުން ތިބެންވާނީ މާސްކު އަޅައިގެންނެވެ. މާސްކު ނާޅާ ތިބެވިދާނެ އިސްތިސްނާ ހާލަތްތަކެއް ވެސް ސާކިއުލާގައި ބަޔާން ކޮށްފައިވެއެވެ. އެގޮތުން އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނަށް މާސްކު ނާޅާ ތިބެވިދާނެ ކަމަށާއި މާސްކު އަޅައިގެން އިންނަން އުޒުރުވެރިވާ ފަދަ ސިއްހީ މައްސަލައެއް ހުރިނަމަ، އަދި އަނގައިގެ ބައްޔެއް ހުރި ނަމަ މާސްކް ނެގިދާނެއެވެ.
މީގެ އިތުރުން ރާއްޖެ އަންނައިރު އެއްވެސް ފަސިންޖަރެއްގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެކަން ލަސްނުކޮށް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން ޑެސްކަށް އެންގުމަށް ވެސް އެ ސާކިއުލާގައިވެއެވެ. އަދި ރާއްޖެ އައުމަށްފަހު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ކޮވިޑް 19ގެ ހޮޓްލައިން 1676 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.
ފަތުރުވެރިން ރާއްޖެއިން ފުރާއިރު ފުރިހަމަކުރަންޖެހޭ ސިއްހީ ޑިކްލަރޭޝަން ފޯމު ފުރިހަމަ ކުރުމަށް ސަމާލުވުމަށްވެސް ސާކިއުލާގައިވެއެވެ. އަދި ރާއްޖެއިން ފުރާއިރު ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ އެކަން އެޗްޕީއޭއަށް އަންގައި ދަތުރު ކެންސަލް ކުރަންޖެހޭތޯ ސާފު ކުރުމަށްވެސް ސާކިއުލާގައިވެއެވެ.
ކޮވިޑު 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ބޯޑަރުތައް އަލުން ހުޅުވާލަން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.