ރޭޕާއި ގުޅުން ހުރި ގާނޫނުތައް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ އެކިފަހަރު މަތިން 13 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ރޭޕްގެ އަމަލު ހިންގާ މީހުންނަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި އެފަދަ މީހުން ދޫނުކުރުމަށް ރައީސް ވަހީދު ގޮވާލެއްވި އެވެ.
ރޭޕްގެ މައްސަލަތަކާ ގުޅިގެން، ރައީސް ވަހީދު ވަނީ މިކަމާ ގުޅުން ހުރި ގާނޫނުތައް ވަރުގަދަ ކުރުމަށް މަޖިލީހަށް ގޮވާލައްވައިފައެވެ. މީގެ އިތުރުން ސަފާރީގައި އަންހެނަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ވަހީދު ވަނީ އިންސާފާއި ގާނޫނު ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.
ރާއްޖޭގެ އިގްތިސާދުގެ މުސްތަގުބަލަކީ ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ކަމެއްކަން ފާހަގަ ކުރައްވައި ރައީސް ވަހީދު ވިދާޅުވީ މިފަދަ ހާލަތެއްގައި ރާއްޖެއިން ބޭރު މީހަކަށް މިފަދަ ކަމެއް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭޕް ފަދަ މައްސަލަތަކުގައި ފުލުހުން ސީރިއަސް ވާންވެއްޖެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.