ޚަބަރު

ގިނަ ބަޔަކު ބޭނުންވަނީ ކަޅުވަކަރު މިސްކިތް މާލޭގައި ބަހައްޓަން!

އަހުމަދު ޖައިޝަން

މާލޭގައި އެންމެ ދުވަސްވީ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓަން ބޭނުންވަނީ މާލޭގައި ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖުން ރޭ ވަނީ ހާއްސަ ފޯރަމެއް ބާއްވައިފައެވެ.

ރަސްރަނި ބަގީޗާގައި ރޭގައި ބޭއްވި ހާއްސަ ފޯރަމްގައި ތާރީހަށް ލޯބިކުރާ ބައެއް މީހުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިންނެވި އެވެ.

ފޯރަމްގައި ވާހަކަ ދެއްކި ގިނަ ފަރާތްތަކުން ބުރަ ވަނީ އެ މިސްކިތް މާލޭގައި ބެހެއްޓުމަށެވެ. އަދި މާލެއިން ބޭރުކޮށްގެން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ މަރުކަޒު ހިންގެވި އައްބާސް އިބްރާހިމް އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށެވެ. އަދި ފަރުކޮޅުފުށީގައި ނުވަތަ ހެރިޓޭޖު އައިލެންޑުގައި ވެސް އެ މިސްކިތް ބެހެއްޓިދާނެ ކަމަށް އޭނާ ހިޔާލު ދެއްވި އެވެ.

ބައެއް ބޭފުޅުން ވަނީ މިސްކިތް އިތުރަށް ތަރައްގީ ކުރެއްވުމަށް ހިޔާލު ދެއްވާފައެވެ. އެގޮތުން މިސްކިތުގެ ފުރާޅު މަތިން ރައްކާތެރިކަމުގެ އެހެން ފުރާޅެއް ބަހައްޓަން ފެންނަ ކަމަށްވެސް ބައެއް ބޭފުޅުން ވަނީ ހިޔާލު ދީފައެވެ.