ރޭޕް

ސަފާރީގައި އަންހެނަކު ރޭޕްކުރުން، މަޖިލިސް ހިއުމަން ރައިޓްސް ކޮމެޓީން މައްސަލަ ބަލާނަން: ނައިބު މުގައްރިރު

އިބްރާހިމް ޒަކީ

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ، ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީންވެސް ބަލާނެ ކަމަށް އެ ކޮމިޓީގެ ނައިބު މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައާ ބެހޭގޮތުން "ވަން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ، އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާތީ އެކަން ބަލަންވެސް ބޭނުންވާ ކަމަކެވެ. އެހެންކަމުން އެކަން ސާފުވާން ޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި، އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް އިއްޔެ ވަނީ އެ ދެމީހުން ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލީ އެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިމީހާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އަދި ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ދެމީހުންކަމުން ރޭޕްގެ މައްސަލަ ކުރިއަށް ނުދާ ކަމަށްވެސް ސޯޝަލް މީިޑީއާގައި ދަނީ ބުނަމުންނެވެ.

މިމައްްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހާމަ ކުރުމަށްވެސް ގިނަ ބަޔަލު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.