ރޭޕް

ސަފާރީގައި އަންހެނަކު ރޭޕުކުރި މައްސަލަ: ހިމެނެނީ ނުފޫޒު ގަދަ ފަރާތްތަކެއް ކަމުގެ ތުހުމަތު، ނަން ހާމަކުރުމަށް ގޮވަނީ

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެން ކުއްޖަކު އިއްޔެރޭ ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވެނީ ނުފޫޒު ގަދަ ފަރާތަކަށް ކަމަށް ބުނެ އެ މީހުންގެ މައުލޫމާތު ހާމަކުރުމަށް ގޮވަން ފަށައިފި އެވެ.

މި މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ބުނެފައި މި މައްސަލައިގައި ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެ ދެމީހުން ހައްޔަރުކުރީ ކުށުގެ ވެށީން ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ފަހުން އެ ދެމީހުންވެސް ދޫކޮށްލައިފަ އެވެ. މުއްދަތު ޖަހަން އެ ދެމީހުން ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ. މައުލޫމާތު ފެތުރިފައިވާ ގޮތުގައި ހައްޔަރުކުރި އިރު އެ ތިން މީހުން ވެސް ތިބީ މަސްތުގެ ހާލުގަ އެވެ.

މި މައްސަލައިގައި މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުންގެ މީޑިއާއިން އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ. ފުލުހުން ބުނަނީ މި ވަގުތަށް ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވާ ކަމަށާއި އތުރު މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ކެންޔާ އަންހެން މީހާ ރޭޕްކުރި ކަމަށް ވަނީ އެހެން ބަޔަކާ އެކު ސަފާރީއަކަށް ގޮސް ޕާޓީ ކުރުމުގެ ތެރެއިންނެވެ. އެ ގޮތުން އޭނާގެ ނުރުހުމުގައި ދެ ދިވެއްސަކު ވެގެން އޭނާ ރޭޕް ކުރީ އޭނާ ރޮއިރޮއި އޮއްވައި ކަމަށް އޭނާއާ ހަވާލާދީ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން މިހާރު ވަނީ ރިޕޯޓްކޮށްފަ އެވެ. އެ މީހުންގެ އަތްދަށުން ސަލާމަތްވާން ވެގެން އެންމެ ފަހުން އެ އަންހެން މީހާ ކަނޑަށް ފުންމައިލީ ކަމަށާއި، ރޭޕްކުރި ދެ މީހުން ޑިންގީގައި ގޮސް އޭނާ މޫދުން ނެގި ކަމަށާއި މި ތިން މީހުން ހައްޔަރު ކުރީ ހުޅުމާލެއަށް ލެފި ވަގުތު އެ ހާލަތުގައި ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ. އެއީ އިއްޔެރޭ ފަތިހު އެވެ. އެ ދެ ފިރިހެނުން އަންހެން މީހާ ރޭޕް ކުރި ކަމަށް އެ އަންހެން މީހާ ބުނި ނަމަވެސް، ކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ނުހަދައި ގެޔަށް ފޮނުވައިލީ ފަހުން ގުޅާނެ ކަމަށް ބުނެފައި ކަމަށް އަންހެން މީހާ ބުނާ ކަމަށް ވެސް އެ މީހާގެ ވާހަކަތައް ރިޕޯޓު ކުރި މީޑިއާއިން ބުނެ އެވެ.

މި މައްސަލައިގައި، ފުލުހުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ އިރު، މުޅި މީސްމީޑިއާގައި ވެސް މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނު ވެފަ އެވެ. އިއްޔެ އާއި މިއަދު ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރާފައިވާ ގޮތުގައި މި މައްސަލައިގައި ޝާމިލުވާ އެކަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު، ޖީހާން މަހްމޫދުގެ ފިރިމީހާ އެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން އެއީ ތެދެއް ކަމެއްވެސް އަދި ދޮގެއް ކަމަށްވެސް ޖީހާން ވިދާޅުވެފައެއް ނުވެ އެވެ.