އިންޑިއާގެ ރޭޕް އަދި އަންހެނުންނަށް ކުރާ އަނިޔާއާއި ގުޅޭ ގާނޫނުތައް ބަދަލުކޮށްލި، 2012 ވަނަ އަހަރު ފަހުކޮޅު އިންޑިއާގެ ދިއްލީގައި ބަހެއްގައި އަންހެނަކު ރޭޕް ކުރި ކޭސް، ނިރުބަޔާ ފަދަ ކޭސްއެއް ތިލަވުމުގެ ކުރިން ރާއްޖޭގައި ރޭޕްގެ މައްސަލަޔަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި އިދިކޮޅު ކޯލިޝަނުން ވަނީ ދެ ފިރިހެނުން ވެގެން ބިދޭސީ އަންހެނަކަށް ދިން މި އަނިޔާ ކުށްވެރިކުރާ ކަމަށް ބުނެފައެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށްވާއިރު، ތަހުގީގުގެ މުއްދަތަށް މި ދެމީހުން ހައްޔަރުކޮށް ބަންދު ކުރެވޭ ވަރުގެ ސަބަބެއް ނެތް ކަމަށް ބުނެ އެމީހުން ދޫކޮށްލުމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ. އަދި ރޭޕް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަކީ އެންމެ ނުބައި މުޖުރިމުން ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިފަދަ އަމަލުތައް ކުރާ މުޖުރިމުންނަށް، ގާނޫނުން ދިނުމަށް ކަނޑައަޅައިފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ވަކި އާއިލާއަކަށް، ވަކި މަގާމަކަށް ނުވަތަ ވަކި މީހަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒުކުރަން ޖެހޭނެ ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ. އަދި މިފަދަ މުޖުރިމުންނަކީ މުޖުތަމައު ތެރެއަށް ދޫކުރެވިފައި ތިބެންވާނެ ބައެއް ނޫން ކަމަށް ބުނެފައި ވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރައަށް ވާ މީހުން އިތުރުވަމުންދާ ދިއުމާއި ގުޅިގެން އެ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރާއި، ތަހުގީގީ އިދާރާތައް، ޝަރުއީ ދާއިރާ އަދި ހައްގުތައް ހިމާޔަތް ކުރާ މުއައްސަސާތަކުން ފުރިހަމަޔަށް ޒިންމާ އަދާ ކުރާނަމަ މިފަދަ ކަންކަން ހުއްޓުވޭނެ ކަމަށް އެ ކޯލިޝަނުން ގަބޫލު ކުރާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ. އަދި ރާއްޖެއައިސް އުޅޭ ފަތުރުވެރިޔަކަށް މިފަދަ ކަމެއް ދިމާވުމީ ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ޖިންސީ ގޯނާ ލިބުނު މީހާގެ ހައްގުތައް ހިމާޔަތްކޮށް، އޭނާއަށް އިންސާފު ހޯދުމަށް ގޮވާލައިފައެވެ. ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާއާއި ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން މިކަން ކުރި މީހުންގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފައި ވެއެވެ.
ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން އިއްޔެ ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައިވެސް 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތި ވެފައި ވެއެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ގުރޫމް ކޮށްގެނެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން އަންހެން ކުއްޖަކު ބްލެކްމެއިލްކޮށްގެން ރޭޕްކުރި މައްސަލައެއްގައި ވެސް ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވެއެވެ.