އަލީ ޔާމިން
މީހެއްގެ ފިރިޔަކު ކުރިޔަސް، ބޭބެއަކު ކުރިޔަސް އަދި ބައްޕަޔަކު ކުރިޔަސް ރޭޕް ވާނީ ރޭޕަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި 2 ފިރިހެނަކު ވެގެން ބިދޭސީ އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ތުހުމަތުގެ އިނގިލި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުންނަށް ދިއްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރޮޒޭނާ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރޭޕް ކުރީ ކޮންމެ މީހަކު ނަމަވެސް އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ހަގީގަތާ ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުކުރުން ގޯސްކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.
ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރޭ ފުލުހުން ބުނެފައި ވެއެވެ. އެއާ ވިދިގެން އައީ، ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރުކުރި 39 އަހަރުގެ 2 މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލި ހަބަރެވެ. އެއާއެއެކު އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ފުލުހުންގެ އިދާރާއަށް އަމާޒުވިއެވެ. ބައެއް މީހުން ތުހުމަތުކުރާގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުންނެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުށުގެ ވެށިން ފުލުހުން ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް ޖީހާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ތުހުމަތުކުރެވޭ މީހުން ދޫކޮށްލިނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.