ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

އަހުމަދު ޖައިޝަން

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ބޭރުގެ ބޯޓެއް ފެނިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެ 13:12 ހާއިރު ކަމަށެވެ.

"އޮޝާދީ 1" ނަމަކަށް ކިޔާ އެ ބޯޓަކީ ސްރީލަންކާގެ ބޯޓެއް ކަމަށާއި އެ ބޯޓުގެ ޚަބަރު ރިޕޯޓްކޮށްފައި ވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އެ ބޯޓު އިއްޔެ 16:30 ގައި ގެންދިޔައިރު އޭގައި ސްރީ ލަންކާގެ ހަތް މަސްވެރިން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ވަނީ ރޭ ފުވައްމުލަކު ޕޮލިސް ސާވީސް އާ ހަވާލުކޮށްފައި ކަމަށެވެ.