މިމަހުގެ ފަސްވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީގެ ގޮތުގައި ލިބުނު 1.3 މިލިއަން ރުފިޔާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން އެ ގެތަކަށް ހަވާލުކުރަން ފަށައިފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިޒާސްޓާ މެނޭޖްމެންޓުގެ ޕްރޮޖެކްޓް ޑިރެކްޓަރު ހިސާން ހަސަން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ނަންތަކާއި އެ ފަރާތްތަކުން ހަދިޔާކުރި ފައިސާގެ އަދަދުތައް ހާމަކުރައްވައިފައެވެ.
"ޔުނިވާސަލް އެންޓާޕްރައިސަސްގެ ފަރާތުން ތިން ލައްކަ ރުފިޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީން ފަސް ލައްކަ ފަންސާސް ހާސް ރުފިޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީން ދެ ލައްކަ ފަންސާސް ހާސް ރުފިޔާ، ސީޖީޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަތަރު ލައްކަ ރުފިޔާ، ޓީ ޖެޓީގެ ފަރާތުން ދިހަ ހާސް ރުފިޔާގެ ފައިސާ، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 50،000 ރުފިޔާ، ހެޕީ މާކެޓްގެ ފަރާތުން އެއް ލައްކަ ފަންސާސް ހާސް ރުފިޔާ އަދި ދިރާގުގެ ފަރާތުން ދެ ލައްކަ ރުފިޔާ. 1.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިސާ އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބުނު،" ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި އެ ފަރާތްތަކުން ހަދިޔާކުރި ފައިސާގެ އަދަދުތައް ހާމަކުރައްވަމުން ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިއަދު މެންދުރު ފަހުން ފެށިގެން ޑީޒާސްޓާ މެނޭޖްމަންޓުން ގެއްލުން ލިބުނު ގެތަކަށް ގުޅައި، އެ ގަތަކުގެ ވެރިފަރާތްތައް ގެނެސް ފައިސާ ހަވާލުކުރަމުންދާ ކަމަށާއި މިހާތަނަށް 24 ފަރާތެއް ހާޒިރުކޮށް ފައިސާ ހަވާލުކޮށްފައިވާނެ ކަމަށެވެ.
"އަދި އަޅުގަނޑުމެން މާދަމާ މެންދުރުފަހު 2:30ގެ ފަހުން މި ފަރާތްތަކަށް ގުޅައި، ފައިސާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނަން. އަޅުގަނޑު މި ފައިސާ ދޫކުރާ ގޮތަކީ ގެތައް ގްރޫޕުތަކަކަށް ބަހާލުމަށް ފަހު، އެ ގެތަކުގެ ވެރިފަރާތްތަކަށް ގުޅައި، އަދި އަޅުގަނޑުމެން މިކޮޅަށް ގެންނަން ބުނާ ޑޮކިއުމަންޓްސްތަކާއެކީ މިކޮޅަށް ހާޒިރުވީމަ ފުރިހަމަކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކޮށްފައި އެ ފަރާތްތަކަށް ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ،" އޭނާ ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ އެ ފަރާތްތަކަށް އެހީތެރިވުމުގެ ކަންތައް ސަރުކާރުން ލަސްކޮށްފައި ނުވާނެ ކަމަށާއި ޑިޒާސްޓާ މެނޭޖްމަންޓުން ވީ އެންމެ އަވަހަކަށް މަސައްކަތްކޮށް ޑެމޭޖް އެސެސްމަންޓްތައް ހަދައި، އިވެލުއޭޝަންތައް ތައްޔާރުކޮށް، ގެއްލުންތައް ބަލައި، އެ ފަރާތްތަކަށް ފައިސާގެ އަދަދުތައް ކަނޑައެޅުމަށް ފަހު ފައިސާ ހަވާލުކުރަމުންދާ ކަމަށެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު 127 ގެއަކަށް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރިކަމެއް ލިބޭ ގެއަށް 45000 ރުފިޔާ ލިބޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.