ކޮމަންވެލްތް

ރާއްޖެ ވަކިވި އިރުވެސް އެއީ ވަގުތީ ކަމެކޭ ދެންނެވިން: ކޮމަންވަލްތު އެސްޖީ

ރާއްޖެއިން ކޮމަންވެލްތު މެމްބަރުކަމުން ވަކިވުމަކީ ވަގުތީ ކަމެއް ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް ވިދާޅުވެއްޖެއެވެ.

އަލުން ކޮމަންވެލްތާ ގުޅުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ ކުރީކޮޅު ސިޓީ ފޮނުވާފައިވާ ކަން ކޮމަންވެލްތުން ވަނީ ހާމަކޮށްފައެވެ.

"ރާއްޖެއިން ކޮމަންވެލްތުން ވަކިވި އިރު އެއީ ވަގުތީ ކަމެއް ކަމަށް ދެކޭ ކަމަށް އަޅުގަނޑު ދެންނެވިން. ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅެން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް. ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އަލުން ފުރުސަތު ދިނުމަށް ނިންމާނީ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާ މަޝްވަރާކުރުމަށްފަހުއެވެ. ކޮމަންވެލްތުން ވަކިވި ގެމްބިއާއަށް ވެސް ވަނީ މިދިޔަ ފެބްރުއަރީ މަހު އަލުން ކޮމަންވެލްތާ ގުޅުމުގެ ފުރުސަތު ދީފައެވެ. އަދި ޒިބްބާބުއޭއިން ވަނީ އަލުން ކޮމަންވެލްތާ ގުޅުމަށް މިދިޔަ މެއި މަހު އެދިފައެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އަދި އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ އެކި ކަހަލަ ކަންތައްތަކުގައި ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރުވާ ކަމަށް ބުނެއެވެ.

ކޮމަންވެލްތުން ވަކިވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އަދި ކޮމަންވެލްތުން ރާއްޖޭގެ ކަންކަމާ ބެހި ބޭއިންސާފުން ފިޔަވަޅު އަޅަމުން ދިއުމަކީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ސަބަބު ކަމަށެވެ.