ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ގާނޫނު އިސްލާހުކޮށް އަންނަ އަހަރަށް ފަސްކޮށްފައެވެ. ގާނޫނު އިސްލާހުކޮށްފައިވަނީ އަލުން އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭ ގޮތަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު މީގެ ކުރިން ވަނީ، ދެ އިންތިހާބު ވެސް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކުރެވިފައިވާ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް ދައުލަތުގެ ކަމޭބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
ޝަރީފު މީގެ ކުރިން ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ، ގާނޫނަށް ގެނެވުނު އިސްލާހާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ހެލްތު މިނިސްޓަރު ކަނޑައަޅުއްވާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ފަށާނެ ތާރީހެއް ކަނޑައެޅުން ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމު ކުރާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން އެ ދުވަހުން ފެށިގެން އިންތިހާބުގެ ކަންކަން ނިމެންދެން އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.