އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް މެތެމެޓިކްސް މުބާރާތެއްގައި ވާދަކުރުމަށް ދިވެހި 21 ކުއްޖަކު މިއަދު ފުރައިފިއެވެ.
އެ މުބާރާތަކީ ސްމާޓްކިޑް އެބަކަސް ލަރނިން ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އެ ކުންފުންޏަކީ އިންޑިއާގެ މެންޓަލް މެތެމެޓިކްސްގައި މަޝްހޫރުކަން ހޯދާފައިވާ ކުންފުންޏެކެވެ.
އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ޕޫނޭގައި ބާއްވާ އެ މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން 2000 އަށްވުރެ ގިނަ ކުދިން ވާދަކުރާނެއެވެ. އެ މުބާރާތުގައި ވާދަކުރުމަށް ރާއްޖެއިން ފުރި ކުދިންނަކީ މެންޓަލް މެތެމެޓިކްސް ކިޔަވައިދިނުމުގައި ރާއްޖޭގެ އެންމެ ގާބިލު އިންސްޓިޓިއުޓް ކަމަށްވާ "ސްކިލް ހެޓްސް ޖީނިއަސް"ގެ ދަރިވަރުންނެވެ.
ސްކިލް ހެޓްސް ޖީނިއަސްއިން މައުލޫމާތު ދޭގޮތުގައި އެ މުބާރާތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ކުޅަދާނަކަން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ، އަދި އޭގެ ސަބަބުން އެ ކުދިންގެ ސެލްފް ކޮންފިޑެންސް އިތުރުވެ އެކިއެކި ފަންނުތަކުގައި ކުރިއަށްދިއުމުގެ ރޫހު އާވެގެންދާނެ ކަމަށާއި ޓީމެއް ގޮތަށް އެކީގައި މަސައްކަތްކޮށްލުމަކީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.
ސްކިލް ހެޓްސް ޖީނިއަސްއަކީ ސްމާޓްކިޑް އެބަކަސްގެ މެންޓަލް މެތަމެޓިކްސް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މިހާރު ވަނީ އަންނަ އަހަރުގެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.