ޚަބަރު

އުސޫލުން ބޭރުން ވަކިކުރާ ފުލުހުންނަށް ޕްރޮގްރެސިވް ކޯލިޝަންގެ ސަރުކާރެއްގައި ވަޒީފާ ކަށަވަރުކޮށްދޭނަން: އަދުރޭ

މަރިޔަމް ޝަހުދާ

އުސޫލުން ބޭރުން ވަކި ކުރާ ފުލުހުންނަށް ޕްރޮގްރެސިވް ކޯލިޝަންގެ ސަރުކާރެއްގައި ވަޒީފާ ކަށަވަރުކޮށްދޭނެ ކަަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އަދުރޭ ވަނީ އުސޫލާ ހިލާފުން މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ފުލުހުންނަށް ޕީޕީއެމް/ ޕީއެންސީ ސަރުކާރެއްގައި ވަޒީފާ ކަށަވަރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

"އުސޫލުން ބޭރުން މި ސަރުކާރުން ވަޒީފާއިން ވަކިކުރާ ކޮންމެ ފުލުހަކަށް ޕީޕީއެމް/ ޕީއެންސީ ސަރުކާރެއްގައި ވަޒީފާ ކަށަވަރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." އަދުރޭގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އަދުރޭ ވަނީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހި ފުލުހުންނަށް މަލާމާތްކޮށް ބިރުދައްކާ ކަމުގެ ތުހުމަތުކުރައްވައިފައެވެ. އަދި އެމްޑީޕީ ސަރުކާރުގައި ހަގީގަތެއް ނެތް އިލްޒާމުތައް ފުލުހުންގެ ބޮލުގައި އަޅުވައި، ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށާއި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަދުރޭ މިހެން ޓުވީޓު ކުރެއްވި އިރު މި ހަފުތާގައި އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގަމުން އަންނަ ތަހުގީގުގައި ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާ ފަސް ފުލުހަކު ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި މި ފަސް މުވައްޒަފުންގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކު އެކި ފަހަރުމަތިން ފައިސާ ނަންގަވާފައިވާ ކަމަށާއި އޭގެ އިތުރުން މިހާރު ވެސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ އެކި ރޭންކުތަކުގެ އޮފިސަރުންނަށް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ.