ޚަބަރު

އިންކަމް ސަޕޯޓުގެ ގޮތުގައި 1450 މީހަކަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފި

ވަޒީފާއަށް އަސަރު ކުރި ފަރާތަކަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވަންސް 1450 މީހަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 1450 މީހަކަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އޭޕްރީލް، މެއި އަދި ޖޫން ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވެންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.

މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެއެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެއެވެ.