ޚަބަރު

މިއަދު ދިވެހިން ބަނޑަށް ނުޖެހި މިތިބީ، ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ހަޒާނާ އިތުރުވެފައިވާތީ: ޝަހީމް

އިބްރާހިމް ޒަކީ

ދިވެހިން މިއަދު ބަނޑަށް ނުޖެހި ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ހަޒާނާ އިތުރުވެ، 900 މިލިޔަން ޑޮލަރު ހުރުމުން ކަމަށް 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަނީ ލޯންޑާކުރި މައްސަަލަ ސާބިތުވެގެން ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ހަޒާނާ އިތުރުވެ، 900 މިލިޔަން ޑޮލަރު ހުރި ނަމަވެސް މިހާރު ހުރީ 200 މިލިޔަން ޑޮލަރު ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ހަޒާނާ އިތުރުވެ، 900 މިލިޔަން ޑޮލަރު ހުރީމައި، ﷲ ގެ ރަހުމަތުން މިއަދު ދިވެހިން ބަނޑަށް ނުޖެހި މިތިބީ. މިހާރު އެއިން ބާކީ އިނީ 200 މިލިޔަން. ރައީސް ޔާމީިންގެ އަގުވައްޓާލަން ކީއްވެގެންތޯ ތިވަރުން ތިޔަ އުޅުއްވަނީ،،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ނެރުނު އެމްއެމްއޭގެ މަންތުލީ ރިޕޯޓުގައިވާގޮތުން އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 889 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ރިޕޯޓުގައި ވާގޮތުން އޭޕްރީލް މަހުގެ ތެރެއިން ރަސްމީ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވްގެ އަދަދު އެންމެ ބޮޑަށް އިތުރުވީ ވެސް މިދިޔަ އޭޕްރީލް މަހުއެވެ. އެހެން ނަމަވެސް މި މުއްދަތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ ޑޮލަރުގެ އަދަދު ވަނީ ދަށްވެފައެވެ.

އޭޕްރީލްގައި ޔޫޒަބަލް ރިޒާވްގައި ހުރީ 230 މިލިއަން ޑޮލަރެވެ. އެއީ މާޗް މަހަށް ވުރެ 39 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މާޗް މަހު ރަސްމީ ރިޒާވް ހުރީ 741 މިލިއަން ޑޮލަރުގައި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރަސްމީ ރިޒާވް ކަމަށް ބަލަނީ މަރުކަޒީ ބޭންކުގައި ޔޫއެސް ޑޮލަރުން ރިޒާވްގައި ހުންނަ ފައިސާއަށެވެ. އާންމު ގޮތެއްގައި ޔޫޒަބަލް ރިޒާވްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އެމްއެމްއޭއިން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ނަގާފައިވެއެވެ. މިއާއެކު ރަސްމީ ރިޒާވު ބޮޑުވުމަށް މަގުފަހިވާނެއެވެ. ކަރެންސީ ސްވޮޕްގެ އިތުރުން ކޮމާޝަލް ބޭންކުތަކުން ހިންގާފައިވާ މުއާމަލާތްތަކާއި އާންމުންނަށް ފޯރުކޮށްދޭ ޑޮލަރާއި ސަރުކާރުން ހަރަދު ކުރާ މިންވަރަށް ބަލައި މި ބަދަލުތައް ވެސް ރަސްމީ ރިޒާވުން ފެންނާނެއެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ރަސްމީ ރިޒާވް އެންމެ ބޮޑަށް މައްޗަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެގޮތުން އެފަހަރު ރިޒާވް 938 މިލިއަން ޑޮލަރަށް އެރި އެވެ. އެއަށް ފަހު އެންމެ ބޮޑަށް ރިޒާވް އުފުލުނު މަހަށް މިދިޔަ މެއި މަސް ވާނެއެވެ.