ޚަބަރު

ޖުލައިގެ މަހުގެ ނިޔަލަށް، މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ހިދުމަތްދޭނެ

އަންނަ ޖުލައި މަހުގެ ނިޔަލަށް އައިޑީކާޑު ގެއްލިފައިވިޔަސް ނުވަތަ އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަންގައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އައިޑީކާޑު ހެއްދުމުގެ ހިދުމަތް ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް އައިޑީކާޑު ނެތުމުން، އެކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާތައް ހުށަހަޅަން ފެށުމުން ޑީއެންއާރުން ވަނީ މިމަހުގެ ނިޔަލަށް، މުއްދަތު ހަމަވެފައި ވިޔަސް، އައިޑީކާޑަށް ހިދުމަތް ދިނުމަށް އަންގައިފައެވެ.

ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ، އެ އެންގުމުގެ މުއްދަތު އަންނަ މަހުގެ 31 ދުވަހުގެ ނިޔަލަަށް އިތުރުކޮށްފައިވާ ކަަމަށެވެ.

އެހެންކަމުން އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިން ލައިސަންސް ދެއްކުމުން ނުވަތަ މިއަހަރުގެ ޖަނަވަރީ އެކެއްގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ނަންބަރަށް ބަލައި، އަލަށް އުފަންވާ ކުދިންނަށާއި އައިޑީކާޑު ގެއްލިފައިވާ މީހުންނަށް އަދި އައިޑީކާޑުގެ މުއްދަތު ހަމަވެފައިވާ މީހުންނަށް، ހިދުމަތް ފޯރުކޮށްދޭން އެ ޑިޕާޓްމަންޓުން ވަނީ އަންގައިފައެވެ.