ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލުން ކަނޑައަޅުއްވައިފިއެވެ.
އެގޮތުން ސިޓީ ކައުންސިލްގެ ބާރުތައް ކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި އިގްތިޞާދީ ނުވަތަ އިޖުތިމާއީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުމާއި، ކައުންސިލުގެ ބެލުމުގެ ދަށުން ހިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން ހިމެނެއެވެ.
އަދި ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި، އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ.