ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލައިފި

ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން މިއަދު ފުރުވާލީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއީ ބަންގްލަދޭޝްގެ ރައްޔިތުންނާއެކު ޑާކާ އަށް ދިޔަ މޯލްޑިވިިއަންގެ 15 ވަނަ ރިޕެޓްރިއޭޝަން ފްލައިޓެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިމަހު އެކަނިވެސް 1500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ގަައުމަށް ގޮސްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން 21 އޭޕްރިލް އިން ފެށިގެން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން އަންނަ މީހުންގެ ތެރެއިން 2689 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. ނަމަވެސް އެމީހުންގެ ސީދާ އަދަދެއް ހޯދިފައިނުވާއިރު، ސަރުކާރުން އަންދާޒާކުރާ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި 60،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެއެވެ.