ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އުފައްދާފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި އަސްލަމަށް ރުހުން ދިނުމުގެ އިތުރުން އެ މިނިސްޓްރީގެ އޮނިގަނޑަށް ގެނައި ބަދަލަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދިނީ އެ މައްސަލައާގުޅޭ ގޮތުން ބަހުސް ކުރުމަށްފަހު، ކޮމިޓީގައި ތިއްބެވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެއެވެ.
އެގޮތުން އަސްލަމަށް ކޮމިޓީން ރުހުންދީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، މިނިސްޓަރަށް ރުހުން ދިނުމަށް ފާސްވާނީ އެ ބަހުސަށް ފަހު ތަޅުމުގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ، އެކަމަނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި ބަދަލާ ގުޅިގެން ކުރިން ހައުސިން މިނިސްޓްރީ ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ. އެ މަސައްކަތްތައް ކުރުމަށްޓަކާ ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ.