ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން، ޕޭޕަރު ކުންފުނިތަކަށް ވެސް ދައުލަތުން ސޮވެރިން ގެރެންޓީ ދީފައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ.
ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރެއްވި އެންމެ ބޮޑު ގޮންޖެހުމަކީ އެކި ފަރާތްތަކަށް ދެއްވާފައި ހުރި ސޮވެރިން ގެރެންޓީ ކަމަށާއި އެންމެ ފަހުން އެކަންވެސް އެޅިގެންދަނީ ރައްޔިތުންގެ ބޮލުގައި ކަމަށެވެ.
''އެންމެ ބޮޑު ގޮންޖެހުމަކީ ސޮވެރިން ގެރެންޓީ. އޭގެ ތަފްސީލަށް ގޮސް ހޯދީމަ އެނގޭނީ ކިހާ އަދަދެއްކަން. ފެންނަން ހުރި އަދަދުތަކުގެ ތެރޭގައި 3.6 އަށްވުރެ މައްޗަށް އެބަދޭ. އޭގެ ތެރޭގައި ބައެއް މީހުން އަތުން ފައިސާ ނަގާފައި ހުރި ޕްރޮޖެކްތްތައް ވެސް އެބަހުރި. އެޑްވާންސަށް ލާރި ނަގާފައި ކުންފުނީގެ އޯނަރު ވީތަނެއް ނޭނގެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ރަށްތައް ދޫކުރި އިރު އެއް ރަށެއް ތިން ހަތަރު މީހުންނަށް ދޫކޮށްފައިވާ ކަމަށާއި އަދި ބައެއް ޕްރޮޖެކްޓްތަކަށް ފައިސާ ނަގާފައި ހުރި ކަމަށެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓްރީއަށް ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 150 ރަށަކާއި ފަޅާއި ފަރު ކުއްޔަށް ދީފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ރަށްތައް ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ޓޫރިޒަމަށް ހުޅުވާލަން މަސައްކަތްކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީ ކުރުމަށް ލޯނު ނެގުމަށް އެމަނިކުފާނު އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށާއި ކުރިންވެސް ވިދާޅުވެފައިވާނީ ނުދެއްކޭ ވަރުގެ ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާ ވާހަކަ ކަމަށެވެ.
''މިސާލަކަށް ފަސް ޕަސެންޓް ހަ ޕަސެންޓްގައި ނަގާފައި ފަސް އަހަރުން ދިހަ އަހަރުން އެދައްކަން ޖެހުނީމަ އެއީ ބަޖެޓަށް ކުރާ ބޮޑު ބުރައެއް. އިންޑިއާއެކު ވީ އެއްބަސްވުންތަކުގައި އެހެނެއް ނޫން ހުންނާނީ. އިންޓްރަސްޓް ވަރަށް ކުޑަވާނެ ދައްކަންޖެހޭ މުއްދަތު ކުރުވެގެންދާނެ އަދި ގްރޭސް ޕީރިއަޑްގައި ފުދޭވަރެއްގެ މުއްދަތެއް ލިބިގެންދާނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާއިން ދީފައިވާ ލޯނުގެ ސަބަބުން ކުރިއަށް އޮތް ހަތަރު ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ފައިސާގެ އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.