ޚަބަރު

ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެމައްސަލއިގައި ހައްޔަރުކުރި ދެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް އެދެވޭނެ ސަބަބެއް ނެތުމުން އެދެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައިވެސް 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވެ އެވެ. އެ ކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކޮށްގެނެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން އަންހެން ކުއްޖަކު ބްލެކްމެއިލްކޮށްގެން ރޭޕްކުރި މައްސަލައެއްގައި ވެސް ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވެއެވެ.