އެންމެ މަދުން ކުޑަކުދީންނަށް ކޮވިޑް ޖެހުނު އަދި ބަލި ޖެހުނު ކުދީންގެ ހާލު އެންމެ ރަނގަޅު ގައުމަކީވެސް ދިވެހިރާއްޖެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދުގެ ނިޔަލަށް ރާއްޖޭގައި 16 އަހަރުން ދަށުގެ 128 ކުއްޖަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. ދުނިޔޭގެ ނިސްބަތުން އެންމެ މަދުން ކުޑަކުދިންނަށް ކޮވިޑް ޖެހުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު، ކުޑަކުދިންނަށް މި ބަލި ޖެހުނު ނިސްބަތަކީ 5.6 ޕަސެންޓް ކަމަށެވެ. އަދި ކޮވިޑް ޖެހުނު ކުޑަކުދިންގެ ހާލު އެންމެ ރަނގަޅު ގައުމަކަށްވެސް ފެންނަނީ ރާއްޖެ ކަމަށެވެ.
ރާއްޖޭގައި 2283 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 407 މީހެކެވެ. މިހާތަނަށް އެބަލިން 1863 މީހަކު ފަސޭހަ ވެފައި ވެއެވެ.