ޚަބަރު

ހައިލަމް، ރައީސް ނަޝީދަށް: ޖޭއެސްސީ އަބަދު ރޫލް ނުކުރެވޭނެކަންވެސް އެނގިލައްވަން ވާނެ

އިބްރާހިމް ޒަކީ

2

ޖޭއެސްސީ އަބަދު ރޫލް ނުކުރެވޭނެކަން އެނގިލައްވަންވާނެ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ހައިލަމް ކުރެއްވި ޓްވީޓަކުން ރައީސް ނަޝީދަށް ރައްދު ދެއްވާފައި ވަނީ، އެމްޑީޕީއަށް 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު އިއްޔެ، ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ރައްދު ދެއްވައި ހައިލަމް ވަނީ، "ކަންކަން ރަނގަޅު ވާނެ ވާހަކަ ވިދާޅުވާއިރު، ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޖޭއެސްސީ މިނިވަންކޮށް އޮނިގަނޑު އިސްލާހުކުރައްވަން ވީ ވައުދު ހަނދުމަފުޅު އެބަހުރިތޯ؟" ސުވާލު ކުރައްވައިފައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.

ޖޭއެސްސީގައި ރައްޔތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އިންނަވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ކޮމިޓީގެ ރައީސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އިންނަވަނީ ކޮމިޝަންގެ ނާއިބު ރައީސް މަސްތޫރު ހުސްނީއެވެ. ސުޕްރީމްކޯޓުގެ ފަރާތުން އެ ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަންނަވާއިރު، ހައިކޯޓުން ހިމެނިވަޑައިަންނަވަނީ ފަނޑިޔާރު އަލީ ސަމީރު އެވެ. ދަށު ކޯޓގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ޝަރީފެވެ. ސީއެސްސީގެ ފަރާތުން އެ ކޮމިޝަނުންގެ ރައީސް ޑރ. އަލީ ޝަމީމް ކޮމިޓީގައި ހިމެނިވަޑައިގަންނަވާއިރު، ގާނޫނީ ވަކީލުންގެ ތެރެއިން ހިމެނިވަައިގަންނަވަނީ އަބްދުލް މާނިއު ހުސައިން އެވެ.

އާއްމުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް އެންމެ ފަހުން ފޮނުއްވި ދެނަމަށް މަޖިލީހުން ރުހުން ނުދިނުމުން އެ މަގާމް އަދި އޮތީ ހުހަށެވެ.

އެމްޑީޕީއަށް 15 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.

އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ކަމަށާއި، އެމްޑީޕީގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟