ގަން އިންޓަނޭޝަނަލް އެއާޕޯޓް

ނިއުނޯމަލްގައި ގަން އެއާޕޯޓް ހުޅުވާލާއިރު ގައިދުރުކޮށް އެއްފަހަރާ 300 މީހުންނަށް ހިދުމަތްދެވޭވަރަށް ބޮޑުކުރަނީ

އިބްރާހިމް ޒަކީ

ނިއުނޯމަލް އާއެކު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލާއިރު ގައިދުރުކޮށް އެއްފަހަރާ 300 މީހުންނަށް ހިދުމަތް ދެވޭވަރަށް، އިތުރު ޝެޑެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބުނެފިއެވެ.

އަންނަ މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، އިންޓަނޭޝަނަލް އެއާޕޯޓްތައް އެކަމަށް ތައްޔާރުތޯ ބެލުމަށް އެ ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތަށްފަހު، އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ގަން އެއާޕޯޓުން ވަމުން އަންނަ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަ ދައްކަަވަމުން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އެއާޕޯޓުގެ ޖާގަ އިތުރު ކުރުމަށް 180 ފޫޓާއި 30 ފޫޓުގެ އިތުރު ތަނެއް ހަދަމުން އަންނަ ކަމަށެވެ.

އެކަމަށް 487900 ޑޮލަރު ހަރަދުވާ ކަމަށާއި، އެ ފައިސާގެ 70 ޕަސެންޓް ސަރުކާރުން 30 ޕަސެންޓް ކާޒާ މޯލްޑިވްސްއިން ހަމަޖައްސައި މަސައްކަން ކުރިއަށް އެބަދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއު ނޯމަލްގައި ހުޅުވާލާއިރު، އެއާޕޯޓުގައި ޓްރާންސިޓް ލައުންޖެއް ނެތުމުން އެތަނުގެ އެތެރޭގައި ހުރި ކުރީގެ ރެސްޓޯރަންޓާއި ފުޑްއައުޓްލެޓަކަށް ބަދަލުތަކެއް ގެނެސް ލައުންޖް ހެދުމުގެ މަސައްކަތްވެސް ކުރިޔަށް އެބަދާ ކަމަށް އިލިޔާސް ލަބީބު ވިދާޅުވިއެވެ.