މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލުން ފަށަން މަޝްވަރާކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މެތަޑީން މެއިންޓެނަންސް ތެރަޕީ ދިނުމުގެ ޕްރޮގްރާމް ވަނީ މީގެ ކުރިން ރާއްޖޭގައިވެސް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ ޕްރޮގްރާމް ހުއްޓާލައިފައި އޮންނަތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޕެނަލް ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާގެ އޯލް އިންޑިއާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޕްރޮގްރާމް އަލުން ފެށުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"އެ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަރުވާގެ މަސައްކަތް ފެށުމަށް އަންނަނީ މަޝްވަރާކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ރިހެބިިލިޓޭޓްކޮށް، އެމީހުން އަލުން މުޖުތަމައަށް ނެރުމަކީ ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކޮށްފިނަމަ ފަރުވާގެ ކަންކަމުގައި އިތުރު ކާމިޔާބީތައް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން އެ ވާބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން ޒުވާން ޖީލު ބަނަވަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ލާޒިމުކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މިއަހަރު ގާއިމުކުރެވި، އެ ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރަނގަޅަށް އަޅާލުމަށް – ރަނގަޅު މައުލޫމާތު" ލިބުމުގެ މުހިންމުކަމެވެ.