އެމްޑީޕީގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 15 އަހަރު ފުރުން ފާހަގަކޮށް، ތަހުނިޔާ ފޮނުވުމަށް މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ކަމަށެވެ.
ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ. ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ. ވަރަށްބޮޑަށް މަރުހަބާ އެމްޑީޕީ. ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް،" ރައީސް ނަޝީދުގެ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މި ޓުވީޓު ރައީސް ނަޝީދު ދެ ފަހަރު ކުރެއްވިއެވެ. ފުރަތަމަ މި ޓުވީޓާއެކު އެމްޑީޕީގެ މަގުމަތީ ހަރަކާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހިމެނޭގޮތަށް ހުރި ފޮޓޯއެއް ޓްވީޓު ކުރެއްވި ނަމަވެސް، އެ ޓުވީޓު ޑިލީޓް ކުރެއްވުމަށްފަހު އަލުން އެ ޓުވީޓު ކުރައްވާފައިވަނީ ކުޑަ ދެ ކުދިންނާއެކު ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި ކުޅުއްވަން އިންނަވާ ފޮޓޯއަކާއެކުގައެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ 26 ޖޫން 2005 ގައެވެ.
ފަނަރަ އަަހަރު ފުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ފިކުރު ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ފެށިގެން ދިއުން ވީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ހަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެއް ކަމަށެވެ.
"މި ހިތްވަރާއި، މި އަޒުމާއި، މި ކާމިޔާބީއާއި، މި އުއްމީދު އެކުލެވިގެންވާ ދެވަނަ ސިޔާސީ ހަރަކާތެއް ދިވެހިރާއްޖޭގައި މިއަދު ވެސް ނެތެވެ. އެކަމުގެ ހަގީގަތަކީ މި ޕާޓީ ބިނާވެގެންވާ ފަލްސަފާއާއި އަސާސްތަކެވެ.،" އެ ބަޔާނުގައި ބުނެފައިވެއެވެ.