މުހައްމަދު އައުޒަމް
އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިއުކޭޝަންގެ ނަން އިންކްލޫސިވް އެޑިއުކޭޝަނަށް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައި އެ އިދާރާގެ ބައެއް މަސައްކަތްތަކަށް ވެސް ބަދަލު ގެނެސްފިއެވެ.
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ގައުމީ މަންހަޖާ އެއްގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތައުލީމު ނުވަތަ އިންކްލޫސިވް އެޑިއުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމުތައް ފަރުމާކޮށް ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމާއި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ތައުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުސަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް އިންކްލޫސިވް އެޑިއުކޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.
އިންކްލޫސިވް އެޑިއުކޭޝަނުގެ މަސައްކަތްތަކުގެ ތެރޭގައި "އާރލީ އިންކްލޫޝަން" އަދި "އާރލީ އިންޓަވެންޝަން" ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ ރެފަރަލް ނިޒާމެއް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމާއި، އިންކުލޫސިވް އެޑިއުކޭޝަނުގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދީ، އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީންކުރުމުގެ އިތުރުން މިފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީ ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުމާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދީ، އިންކްލޫސިވް އެޑިއުކޭޝަނުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން މި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.