ރާއްޖޭގައި އޮތީ އެންމެ ދެ ސިޔާސީ ޕާޓީ ނޫން ކަމަށާއި ވަގުތު ޖެހުމުން އެކަން ރަނގަޅަށް އެނގިގެން ދާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތީ ހަމައެކަނި ދެ ޕާޓީ ނޫން ކަމާއި އެންމެން ތަބާވަނީ ވެސް އެ ދެ ޕާޓީގެ ފިކުރަށް އެކަނި ނޫންކަން ތާރީހު ބުނެދޭ ކަމަށެވެ. އަދި ވަގުތު ޖެހުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށް ވެސް އަމީން ވިދާޅުވެފައިވެއެވެ.
އަމީންގެ ޓުވީޓުގައި މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ލީޑަރުންގެ ފޮޓޯއަކާއި ޖަރުމަންގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ރޭ ނަގާފައިވާ ފޮޓޯއެއް ހިމެނެއެވެ.
އަމީން މިހެން ވިދާޅުވެފައި މިވަނީ ޖޭޕީ ދޫކުރައްވައި ޖަމީލް ޕީޕީއެމްއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.
އަމީންގެ އިތުރުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު އެޕާޓީގެ ވައިބާ ގުރޫޕުގައިވެސް ރާއްޖޭގައި އޮތީ އެންމެ ދެ ސިޔާސީ ޕާޓީ ނޫންކަމަށް ވިދާޅުވެ، މެސެޖެއް ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވީ ކުޅި ހަމަކުރަން ޖެހޭނީ ޖޭޕީވެސް ހިމަނައިގެން ކަމަށެވެ. އަދި ވެރިކަމުގެ ކުޅިބައި 2008 އިން ފެށިގެން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުލައި ހަމަނުކުރެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013ގެ ރިޔާސީ އިންތިހާބު އަދި 2018 ގެ އިންތިހާބު ވެސް ކާމިޔާބު ކުރުމުގައި ޖުމްހޫރީ ޕާޓީ އާއި ގާސިމްގެ ދައުރު ވަރަށް ބޮޑެވެ. ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2008 އާއި 2013 ގެ އިންތިހާބުގައި ގާސިމް ވަނީ ވާދަ ވެސް ކުރައްވައިފައެވެ. ނަމަވެސް ދެވަނަ ބުރަށް ވަޑައިގެންނެވޭ މިންވަރަށް ވޯޓް ލިބިވަޑައިގެންފައެއް ނުވެއެވެ.